ކައުންސިލްގެ ތަޢާރަފް

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ ތަޢާރަފް

އިހަވަންދޫ ކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި އިހަވަންދޫ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލް ބޭފުޅުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިގޮތުން މިއިދާރާ އުފެދިފައިވަނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ޚާއްސަކޮށް އިހަވަންދޫ ރައްސްޔިތުންނާއި ޢާއްމުކޮށް މުޅިރާއްޖޭގެ ރައްޔިތުންނަށެވެ.

ރަށް: ހއ.އިހަވަންދޫ 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫއަކީ، ހއ.އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން އެންމެ ބޮޑު 03 ވަނަ އާބާދީއެއް ދިރިއުޅޭރަށެވެ. މިރަށް އޮންނަނީ ތިލަދުންމަތީ އުތުރުބުރީ ގައްލަންދޫ އެތެރެވަރީގައި، ގުދަންފުށީ ފަރާއި ދިގުފަރާއި ދެމެދު އޮންނަ ކަނޑުއޮޅިއާއިި ދިމާވާގޮތަށް ދިގު ފަރުގެ އުތުރަށެވެ. އިހަވަންދިއްޕޮޅު އަތޮޅު، އެއީ މިރަށް އޮންނަބަޔަށް ކިޔާފައިވާ ނަމެވެ. ރަށަށް ދެވިފައިވާ އަކުރަކީ 7-A އެވެ. ރަށުގެ ބޮޑު މިނަކީ 576027 ސްކެއަރ މީޓަރެވެ. ރަށުގެ ބައެއް ދިމަދިމާއިން ވެލިގަނޑު ތިރިކޮށް އޮތްނަމަވެސް ބިމުގެ އެވެރެޖް އުސްމިނަކީ 0.9851 މީޓަރެވެ. ރަށުގެ ބިން ދެގޮތަކަށްވެސް ރަނގަޅުކަމަށް ފާހަގަކުރެވެއެވެ. އެއީ ގަލާއި އަކިރިއާއި ވެލީގެ މުއްސަނދިކަން ލިބިފައިވާ، ސާފު ދޮންވެލީގެ ގޮނޑުދޮށް އޮތްރަށަކަށް ވާއިރު، ރަށުގައި ޗަކަބިމާއި ކަނޑޫ ފައުތައް އޮތް ރަށަކަށް ވާތީއެވެ. މިރަށުގެ ރަޖިސްޓަރީ އާބާދީއަކީ 3401 އެވެ. އޭގެތެރެއިން 400 މީހުން ދިރިއުޅެނީ، ރަށުން ބޭރުގައެވެ. އަދި ބާކީތިބި 3001 މީހުން ދިރިއުޅެނީ، ރަށުގައެވެ. ފުރަމާލެއާއި އިހަވަންދޫއާއި ދެމެދު 180 ނޯޓިކަލް މޭލުގެ ރާސްތާއެއް ވެއެވެ. ޢާއްމު ގޮތެއްގައި ރަށުގައި ކުރެވޭ މައިގަނޑު އިޤްތިޞާދީ މަސައްކަތްތަކަކީ މަސްވެރިކަމާއި، ޢިމާރާތްކުރުމާއި އޮޑިފަހަރުބަނުމާއި މީގެ އިތުރުން ސަރުކާރުގެ ވަޒީފާ އަދާކުރުމެވެ.

އިހަވަންދޫ ކައުންސިލުންދޭ ޚިދުމަތްތައް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހއ.އިހަވަންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ދިނުމަށްވަނީ ލާޒިމްކޮށްފައިވެއެވެ. މިގޮތުން ދުވަހުން ދުވަހަށް ރަށް ހިންގުމަށް ބޭނުންވާ ޤަވާއިދުތަކާއި އުޞޫލުތައް ކަނޑައަޅައި ރައްޔިތުންގެ ނަމުގައި ނިންމަން ޖެހޭ ނިންމުންތައް ނިންމާ ރަށުގެ އިޖުތިމާޢީ އެކިއެކި ތަންތަނާއި ސަރަހައްދުތައް ބެލެހެއްޓުމާއި އެހެން މުޢައްސަކާތަކަށް އެހީތެރިވުން ހިމެނެއެވެ..

އަދި ރަށް ތަރައްޤީ ކުރުމުގެ ގޮތުން ރަށުފެންވަރުގެ ތަރައްޤީގެ ޕްލޭންއެއް އެކުލަވާލައި އެޕްލޭން ތަންފީޒުކުރުމަށްޓަކައި ކައުންސިލުންނާއި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ތަރައްޤީގެ މަޝްރޫޢުތައް ހިންގާ އެކަންކަމާއި ގުޅޭގޮތުން ޖަވާބުދާރީވުމަކީ ކައުންސިލްގެ ޒިންމާއެކެވެ..

އަދި ހަމައެއާއިއެކު ރަށުގެ ރަށްޔިތުންނަށް ބޭނުންވާ ރަށްވެހިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނާއި ނަރުދަމާ ހިމެނޭގޮތުން ރަށްވެހިކަމުގެ އެހެނިހެން ތަފާތު 25 ޚިދުމަތެއް ލާމަރުކަޒީ ޤާނޫނުން ކައުންސިލާއި ހަވާލުކޮށްފައިވެއެވެ..

ލޯކަލް ގަވަރމެންޓް ގާނޫނާއި ދައުލަތުގެ ފައިސާއާއި މުދާ ބެލެހެއްޓުމުގެ ޤާނޫނާއި އަދިވެސް ދައުލަތުގެ މުދަލާއި ފައިސާއާއި ބެހޭ އެހެނިހެން ޤާނޫނުތަކާއި އެއްގޮތަށް ރަށުގެ ފައިސާގެ ކަންކަން ހިންގާ ބެލެހެއްޓުމާއި ފައިސާގެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނަށާއި ސަރުކާރުގެ މުޢައްސަސާތަކަށް ޖަވާބުދާރީވުމަކީ ކައުންސިލާއި ހަވާލުވެފައިވާ މަސްއޫލިއްޔަތެކެވެ.

ކައުންސިލުގެ ތަރައްޤީގެ ޕްލޭނުން ޙާޞިލްވާ މިންވަރު ރައްޔިތުންނަށް ޙިއްޞާ ކުރުމުގެ ގޮތުން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމާއި ކައުންސިލްގެ މަސައްކަތު ތާވަލާއި ބަޖެޓާއި ތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ޙިއްޞާކޮށް ތަރައްޤީގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަކީވެސް ކައުންސިލްގެ ޒިންމާއެކެވެ.

އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވާގޮތް

އިހަވަންދޫ ކައުންސިލް އިދާރާގެ މަސައްކަތްތައް ބަހާލެވިފައިވަނީ މައިގަނޑު ތިން ޔުނިޓަކަށެވެ. މިއިން ކޮންމެ ޔުނިޓެއްގައިވެސް މައިގަނޑު މަސައްކަތްތައް ކުރަމުންދާނީ ސިވިލްސަރވިސް މުވައްޒަފުންނެވެ. ސިވިލްސަވިސް މުވައްޒަފުންގެ މަސައްކަތްތައް އޮބްސަރވް ކުރުމަށްޓަކައި ކައުންސިލް މެންބަރުންވެސް ވާނީ އެކިއެކި ޔުނިޓްތަކަށް ބަހާލެވިފައެވެ.

ކޯޕަރޭޓް އެފެއަރޒް އެޑްމިން/ބަޖެޓް

މިޔުނިޓްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރަޖިސްޓްރޭޝަންއާއި ސެންސަސް ބެލެހެއްޓުމާއި އިދާރީ ހުއްދަތަކާއި ލިޔުންތައް ތައްޔާރުކޮށްދިނުމާއި  ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެސެޓްސްތައް މަރާމާތުކޮށް ބެލެހެއްޓުމާއި ބިމާއި ގުޅޭގޮތުން ހުށަހެޅޭ މަސައްލަތައް ދިރާސާކޮށް ކައުންސިލަށް ހުށަހެޅުން ހިމެނެއެވެ. އަދި ހިއުމަން ރިސޯސް މަސައްކަތްތަކާއި ފައިސާއާއިބެހޭ މަސައްކަތް ހިމެނެއެވެ.

މުނިސިޕަލް ސަރވިސް ޔުނިޓް

މިޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި ރަށުގައި ދެވޭ އަސާސީ ޚިދުމަތްތަކާއި މުނިސިޕަލް ޚިދުމަތްތައް ހިންގާ ބެލެހެއްޓުން ހިމެނެއެވެ.

އިކޮނަމިކް ޑިވެލޮޕްމަންޓް އެންޑް ސޯސަލް ސަރވިސް ޔުނިޓް

މިޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި ރަށު ތަރައްޤީގެ ޕްލޭން ތައްޔާރުކުމާއި ޕްލޭން ރިވިއުރުމާއި ޕްލޭނުން ހާޞިލްވަމުންދާ މިންވަރު ބަލާ ހިއްޞާކުރުން ހިމެނެއެވެ. މީގެ އިތުރުން ރަށް ތަރައްޤީ ކުރެވިދާނެ އައު ވިސްނުންތައް ނެރުމާއި ކައުންސިލްގެ މާލިއްޔަތު އިތުރުކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް އެކަންކަމާއި ގުޅޭގޮތުން ކައުންސިލަށް ލަފާދިނުމާއި އެފަދަ ޕްރޮޖެކްޓްތައް ރާވާ ހިންގުން ހިމެނެއެވެ. އަދި އިޖްތިމާޢީ ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތައް ހިންގުމާއި އެފަދަ ޕްރޮގްރާމްތަކަށް އެހީތެރިވުން ހިމެނެއެވެ.