ޕޮލިސް އައު އިމާރާތެއް އިހަވަންދޫއަށް

ޕޮލިސް އައު އިމާރާތެއް އިހަވަންދޫއަށް

28 October 2019

ހއ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އިހަވަންދޫއަކީ 3 ވަނަ އަށް އެއްމެ އާބާދީ ބޮޑު ރަށެވެ. ރަށުގެ އާބާދީގެ ނިސްބަތާ އެއްވަރުގެ އާބާދީއެއް ރަށުގައި ދިރިއުޅޭ އެހެން ރަށެއް ހއ. އަތޮޅުގައި ނެތްކަން ތަފާސް ހިސާބުތަކުން ދައްކައެވެ. އިޤްތިޞާދީ މަސައްކަތްތެރިން ގިނަ މިރަށަކީ ފުޅާ ދާއިރާއެއްގއަި މަސްވެރިކަން ކުރަމުން އަންނަރަށެކެވެ. މަސްވެރިކަމުގެ އިތުރުން، ފައިބަރު ދޯނި ފަހަރު ބަނުމާ މަހާ މަހުގެ އުފެއްދުންތައް ތައްޔާރުކުރަމުން އަންނަ ރަށެކެވެ. ވިޔަފާރީގެ މައި ހަބެއްގެ ގޮތުގައި ހއ. އަދި ހދ ގެ ގިނަ ރައްޔިތުން ބަލަމުން އަންނަ މިރަށަކީ މާލެ ދަތުރުކުރާ ފަސް ނާލު ބައްތެލި ފުރާ ދުއްވާ ރަށެކެވެ. ތަޢުލީމީ ގޮތުން މި ސަރަޙައްދުގައި ނަންހިނގާ ބާރެކެވެ. ރަށުގެ އުމުރާނީ ތަރައްޤީއައި އިޤްތިޞާދީ ތަރައްޤީގައި ކުރި ހޯދައިފައިވާ ރަށެކެވެ. 

އިޖްތިމާއީ މައްސަލަތަށް މަދު ނަމަވެސް، ރައްޔިތުންގެ އަގުބޮޑު މުދަލަށް ރައްކާތެރިކަން ދޭން ތިބޭނެ ބަޔަކީ ދިވެހި ފުލުހުންނެވެ. ރަށުގައި ހިނގާފާނެ ހާދިސާއަކުން ރައްޔިތުން ސަލާމަތްކަން ކުރަންވެސް ތިބީ ދިވެހި ފުލުހުންނެވެ. މި މުޖުތަމައު ހަމަޖެހުމުގެ އަސްލަކީ ފުލުހުންގެ އެކުވެރިކަމާއި ގާތް ކަމެވެ. 

ސަރުކާރުގެ ސްޓްރެޖެޓިކް އެކްޝަން ޕްލޭނައި އެކު، ރާއްޖެ ފަސް ސަރަޙައްދަކަށް ބަހާލާއިރު ސަބް ރީޖަނެއްގެ ގޮތުގައި އިހަވަންދޫ ކަނޑައެޅިގެން ދާނެއެވެ. އިޤްތިޞާދީ ގިނަ މަސައްކަތް ކުރާ ރަށަކަށްވެފައި، ތަޢުލީމައި ސިއްޙީ ގޮތުން ކުރިއެރުންތަކެއް ހޯދަމުން އަންނަ ރަށަކަށްވެފައި، ރަށުގައި ދިރިއުޅޭ އާބާދީގެ ބޮޑުވެ ބިން ބޭނުން ކުރާ މިންވަރުގެ މައްޗަށް ނަޒަރުކޮށް ކަނޑައަޅާ ސަބް ރީޖަން އަކަށް އިހަވަންދޫ ވެގެން ދާއިރު، ދިވެހި ފުލުހުންގެ ޒިންމާވެސް ވަކި ކުޑައެއް ނުވާނެއެވެ. 

ރަށުގެ މިހާރުގެ އާބާދީއަށާއި، ބަންނަން ފަށާފައިވާ މިލިއަން މިލިއަން ރުފިޔާގެ ފައިބަރު އުޅަނދުތަކާއި، އެކިއެކި ބޭނުންތަކަށް ރަށަށް އަރާފައިބާނެ ކޮންމެ ރައްޔިތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ބުރަބޮޑު މަސައްކަތުގައި، ފާރައަށް ތިއްބެވީ އެއްމެ 12 ފުލުހުންނެވެ. ޚިދުމަތް ދެމުން އަންނަނީ ރައްޔިތުންގެ އިމާރާތެއްގައެވެ. ތަނުގެ ޖާގައިގެ ދަތިކަން އިންތިހާއޮތް މި ތަން ބަދަލުވެގެން ދިޔުމަކީ، ތަނުގައި ވަޒީފައި އަދާކުރަމުންދާ ފުލުހުންގެ އާދޭހެކެވެ. 

ސަބް ރީޖަންއަކަށް އިހަވަންދޫ ބަދަލުވުމުގެ މަރުޙަލާގައި ރަށުގައި އައު ޕޮލިސް ސްޓޭޝަންއެއް އެޅުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތަށް ދަނީ ކުރެވެމުންނެވެ. ޕޮލިސް ސްޓޭޝަން އެޅުމަށް ބޭނުންވާ ބިން ކައުންސިލުން ކަނޑައަޅާ ނިންމާފައި ވާއިރު، މި މަސައްކަތް އަވަސް ކުރުމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާއު އައި ކައުންސިލްގެ މެމްބަރުން ވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައެވެ.