އޮފީސް ތަކުގެ  ފުޓްސަލް މުބާރާތް

އޮފީސް ތަކުގެ ފުޓްސަލް މުބާރާތް

28 October 2019

އިހަވަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލަކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކުވެސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އޮފީސްތަކުގެ މުބާރާތް މިއަހަރުވެސް ކުރިއަށް ގެންގޮސްފިއެވެ. އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމްލަ ފަސް ޓީމް ވަނީ ބައިވެރިވެފައެވެ.  މި މުބާރާތުގައި ވާދަކޮށްފައިވަނީ އިހަވަންދޫ ޕޮލިސް، އިހަވަންދޫ ސްކޫލް، ފެނަކަ އިހަވަންދޫ ބުރާންޗް، އާމިނާދިޔޯ ސިއްޙީ މަރުކަޒާއި މެޖިސްޓްރޭޓް ކޯޓް އަދި ބެންކް އޮފް މޯލްޑިވްސް ކޮމްބައިން ޓީމެއްގެ އިތުރުން އިހަވަންދޫ ކައުންސިލައި އައިސް ޕްލާންޓް ގުޅިގެން އުފައްދާފައިވާ ޓީމެވެ.

އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް  2019 ، ގުރުއަތު ލުމުގެ ތެރެއިން

މިމުބާރާތުގެ މެޗްތައް ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކައި ކުޅޭ ގޮތަށް ޕޮއިންޓް ސިސްޓަމަށެވެ. އެއްމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމް ސެމީ ކުޅުމަށް ފަހު ފައިނަލް ކުޅޭ ގޮތަށެވެ. ޖުމަލް ތިން ސެމީ ކުޅެވުނު މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ  ޕޮލިހުން ކަށަވަރު ކޮށްފައިވަނީ، ޕޮއިންޓް ޓޭބަލްގެ އެއްމެ ގިނަ ޕޮއިންޓް ހޯދި ފެނަކަ އިހަވަންދޫ ބްރާންޗާއި ވާދަކޮށް 3 ލަނޑުގެ ތަފާތަކުންނެވެ. ފައިނަލްގެ ދެވަނަ ޖާގަ ފެނަކަ އިން ކަށަވަރު ކުރީ ސެމީގެ ދެވަނަ މެޗްގައި ބައްދަލު ކުރި ކައުންސިލް ޓީމާއި އިހަވަންދޫ ސްކޫލް ވާދަކުރި މެޗު ކާމިޔާބް ކުރި އިހަވަންދޫ ސްކޫލް ޓީމައި ވާދަކޮށްގެންނެވެ. ފެނަކަ އަދި ސްކޫލް ވާދަކުރި މެޗް ކާމިޔާބް ކުރީ ފެނަކައެވެ. 

މި އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހުގެ ރޭ މި މުބާރާތުގެ ފައިނަލްގައި އިހަވަންދޫ ޕޮލިސް އައި ފެނަކަ އިހަވަންދޫ ބުރާންޗް ބައްދަލު ކުރި މެޗް 3 ލަނޑު 1 ލަނޑުން ކާމިޔާބް ކުރީ އިހަވަންދޫ ޕޮލިސް ޓީމެވެ. މިއީ ޕޮލިސް ޓީމް މި މުބާރަތް ކާމިޔާބް ކުރި 2 ވަނަ ފަހަރެވެ. 

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި ކޯ ސްޕޮންސަރ އަކީ މިފްކޯއެވެ.