ކައުންސިލްގެ ވެބްސައިޓް ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފި

ކައުންސިލްގެ ވެބްސައިޓް ރައީސް ނަޝީދު އިފްތިތާހް ކޮށްދެއްވައިފި

13 January 2020

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް އިފްތިތާޙް ކޮށްފިއެވެ. މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު އިހަވަންދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައްޔިތުން މަޖްލިސްގެ އިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

މިއީ މިހާތަނަށް އިހަވަންދޫގައި މުޢައްސަސާ އެއްގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ވެބްސައިޓެވެ. މިވެބްސައިޓް ހިންގަން ފެށުމާއިއެކު އިހަވަންދޫ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބި ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންނަށް އެތަކެއް ލުއިފަސޭހައެއް ލިބިގެން ދާނެއެވެ.

މިވެބްސައިޓުން ލިބެންހުރި ޚިދުމަތާއި މަޢުލޫމާތަށް ބަލާއިރު އެކި އެކި ޚިދުމަތްތައް ލިބިގަންނާނެ ގޮތުގެ ޕްރޮސިޖަރތަކާއި ޚިދުމަތްތަކަށް އެދޭ ފޯމާއި ކައުންސިލުން ހިންގާ އެކިއެކި ޕްރޮގްރާމްތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ކައުންސިލްގެ ނިންމުންތަކާއި ކޮމެޓީތަކުގެ މަސައްކަތްތަކާއި، ދީނީހޭލުންތެރިކުރުމުގެ ދާއިރާއާއި، ސިއްޙީ ދާއިރާއާއި، އަދިވެސް ރައްޔިތުންނަށް ބޭނުންވާނޭ ތަފާތު ދާއިރާތަކުން ތަފާތު ގިނަގުނަ މަޢުލޫމާތުތައް ހިމެނިފައި ވެއެވެ. އަދި ކައުންސިލުން ހިންގާ އެކިއެކި ހަރަކާތްތަކާއި ރަށުގައި ހިނގަމުންދާ އެކިއެކި މަޝްރޫޢުތަކުގެ މަޢުލޫމާތާއި ފޮޓޯ އާއި ވީޑިއޯވެސް މިވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ. ސޯޝަލް ނެޓްވޯކްތަކަށް ފަސޭހަކަމާއިއެކު ޚަބަރާއި މަޢުލޫމާތު ޝެއަރ ކުރުމަށް ބޭނުންވާ ހުރިހާ ފަންކްޝަންއެއް ފުރިހަމަވެފައިވާ މިވެބްސައިޓް ސްމާރޓް މޯބައިލް ފޯނުތަކާއި ޓްބްލެތްތަކުން އުދަގުލެއްނެތި ބެއްލެވޭނެވެ. އަދި ކައުންސިލަށް ހުށަހަޅާ ޚިޔާލާއި މައްސަލަތައް ސީދާ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭ ފަދަ ޚިދުމަތެއް ވެބްސައިޓްގައި ވަނީ ޤާއިމްކުރެވިފައެވެ.

މި ކައުންސިލްގެ ވެބްސައިޓަކީ، އިހަވަންދޫ ޑާރކްއިންވެސްޓްމެންޓްގެ ފަރާތުން ބީލަމުގެ އުސޫލުން ވަރަށްކުޑަ އަގަކަށް ވަރަށް ފުރިހަމަ ކަމާއެކު، މިޒަމާނަށް ފެތޭގޮތަށް ފަހުގެ ގިނަ ސިފަތައް ހިމަނާފައިވާ ވެބްސައިޓެކެވެ.