ރޭ ދަންވަރު އައި ކޮޅިގަނޑުގައި އިހަވަންދޫއަށް ބޮޑެތި ގެއްލުން ތަކެއްވެއްޖެ

ރޭ ދަންވަރު އައި ކޮޅިގަނޑުގައި އިހަވަންދޫއަށް ބޮޑެތި ގެއްލުން ތަކެއްވެއްޖެ

06 September 2020

ރޭ މެންދަމުއައި ގަދަ ކޮޅިގަނޑުގައި ރަށުގެ އިމާރާތްތަކަށާއި، ފަޅުގަ އަޅާފައިހުރި އޮޑި ދޯނިފަހަރަށާއި އަދި ރުއްގަހަށް ގެއްލުން ވެއްޖެއެވެ. މި ގޮތުން ރަށުގެ އަތިރިމަތީ ހުރި ކުޑަކުދިންގެ ޕާކްގެ ދެ އިމާތެއްގެ ޓިނުތައްވަނީ ވަޔާއެކު ނައްޓައިގެން ގޮސް ފުރާޅު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ގިނަ އިމާރާތްތަކެއް ފުރާޅު ގަދަވަޔާއެކު އެއްލައި ލުމުން އެ ފަރާތްތަކަށްވެސް ބޮޑެތި ގެއްލުން ތަކެއްވަނީ ލިބިފައެވެ.

ކޮޅިގަނޑުގައި ވައި ގަދަވުމުގެ ސަބަބުން ފަޅުގަ އަޅާފައިހުރި ގިނަ އަދަދެއްގެ އުޅަނދުފަަހަރުގެ ނަގިލި ކަހާލުމުގެ ސަބަބުން އެއްގަމު ތޮއްޓަށް ލައްވެ މާލެ ދަތުރުކުރާ ބޯޓަ ފަހަރަށާއި، މުދާ އުފުލާ ދޯނި، މަސް ދޯނި އަދި ލޯންޗް ފަހަރުތަކަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ. އިހަވަންދޫގެ ބަނދަރަކީ ރަށުގެ ދެކުނު ފަރާތުގައި ތަރައްޤީކޮށްފައިވާ ބަނދަރަކަށް ވުމުން ހުޅަނގު މޫސުުމުގައި ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ލިބެންޖެހޭ ރައްކާތެރިކަމެއް ނުލިބެއެވެ. ތަފާތު އެކި ފަހަރުމަތިން ބަނދަރުގެ މަރާމާތުގެ މަސައްކަތް ކުރެވިފައިވީ ނަމަވެސް މިކަމަށް އެދެވޭ ހައްލެއް ލިބިފައި ނުވެއެވެ.

ވައި ގަދަވުމުގެ ސަބަބުން ރަށުގެ ބައެއް ރުއްގަސް ވެއްޓި އާއްމުން ހައްދާފައިވާ ފަތްކެޔޮ ގަސްތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. މި ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ވަރަށް ބޮޑަށް ކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު އާއްމު ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.