ބާބެކިއު ހަޓް ކައުންސިލް ކަޕް 2020 ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭ ހޯދައިފި

ބާބެކިއު ހަޓް ކައުންސިލް ކަޕް 2020 ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭ ހޯދައިފި

13 September 2020

އިހަވަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ބާބަކިޔު ހަޓް ކައުންސިލް ކަޕް 2020 ގެ ޗެންމްޕިއަންކަން އެންވީކޭއިން ހޯދައިފިއެވެ.

އެންވީކޭ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު ޖަންގަލް ޓީމް ބަލިކުރުމަށް ފަހުއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ކާމިޔާބުކޮށް އެންވީކޭ އިން މުބާރާތުގެ ތަށި އުފުލައިލީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 3-3ން ދެ ޓީމް އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 8-7 އިން ޖަންގަލް ބަލިކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެންވީކޭގެ ނޫޝަން ޢަބްދުއްރައްޒާގެއެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ހޮވިފައިވަނީ، އެންވީކޭގެ ޖޯޒީ ނަމްބަރު 7 މުހައްމަދު މަދީހާއި، ޖޯޒީ ނަމްބަރު 22 ނޫޝަން ޢަބްދުއްރައްޒާޤާއި، ޖޯޒީ ނަމްބަރު 2 މުހައްމަދު ނައްސާން ޢަބްދުއްރައްޒާގާއި، ޖަންގަލްގެ ޖޯޒީ ނަމްބަރު 11 މުހައްމަދު ޝާނިއު އަދި ސެންސިޓީގެ ޖޯޒީ ނަމްބަރު 7 ހުސައިން ސަމީރެވެ. މި މުބާރާތުގެ އެއްމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސެންސިޓީގެ ޖޯޒީ ނަމްބަރު 10 ހުސައިން ޒަހުވާން ޒާހިރެވެ.

ކައުންސިލް ކަޕް ފުޓުސެލް މުބާރާތަކީ ކައުންސިލުން އިންތިޒާމްކޮށްގެން 2019 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި ދިޔަ އަހަރު މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭގައި ދިރިއުޅޭ އިހަވަންދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން  މާލޭގައެވެ. މި މުބާރާތަށް ޒުވާނުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބެމުން އަންނާތީ މެދު ކެނޑުމެއްނެތި ކޮންމެ އަހަރަކު އެއްފަހަރު މި މުބާރާތް ކުރިއަށް ގެންދާ ގޮތައް ކައުންސިލުންވަނީ ނިންމާފައެވެ.