އިހަވަންދޫއަށް 1 މެގަވޯޓްގެ ޖަނަރޭޓަރެއް ގެނެސްފި

އިހަވަންދޫއަށް 1 މެގަވޯޓްގެ ޖަނަރޭޓަރެއް ގެނެސްފި

30 September 2020

ހއ.އަތޮޅުގައި ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ އެންމެ ބޮޑު އިހަވަންދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން 1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓެއް އިއްޔެ ހަވީރު އިހަވަންދޫއަށް ގެނެސްފިއެވެ. މި ޖަނަރޭޓަރ ބެހެއްޓި ހިދުމަތް ދޭން ފެށުމުން ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން ފޯރުކޮށްދެމުންދާ ކަރަންޓްގެ ހިދުމަތް ވަރަށް ބޮޑަށް ރަނގަޅު ވެގެން ދާނެކަމަށް ފެނަކަ ކޯޕަރޭޝަން އިހަވަންދޫ ބުރާންޗުން މައުލޫމާތު ދެއްވައެވެ.

ފެނަކަ ކޯޕަރެޝަނުން އިހަވަންދޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ތަރައްޤީކޮށް ރަނގަޅުކުރުމަށް މި އަހަރުތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި ގޮތުން އިންޖީނުގެ ބޮޑު ކުރުމުގެ މަސައްކަތާއި، ބޮޑު ތެޔޮ ތާނގީއެއް ހެދުމުގެ މަސައްކަތާއި، ވޯލްޓޭޖް ދައްވާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރަށުގެ އެކި ސަރަހައްދުތަކުގައި ޓުރާންސް ފޯމަރު ބެހެއްޓުމުގެ މަސައްކަތާއި، ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށްޓަކައި ޒަމާނީ އޮފީސް އިމާރާތެއް އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި ރަށުގެ ސުކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އިންޖީނުގެއިން ސުކޫލަށް ވަކި ފީޑަރެއް އެޅުމަށްފަހު ކަރަންޓް ދިނުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އަލަށް މި ގެނެވުނު  1 މެގަވޯޓްގެ ޖަނަރޭޓަރ ސެޓާއެކު މި ދިޔަ 2 އަހަރުތެރޭ 3 ޖަނަރޭޓަރ ސެޓް އިހަވަންދޫއަށްވަނީ ގެނެވިފައެވެ. އަދި އަލަށް ގެނެވުނު ޖަނަރޭޓަރ ސެޓަކި ހއ.އަތޮޅުގެ ރަށަކަށް ގެނެވުނު އެންމެބޮޑު ޖަނަރޭތަރ ސެޓެވެ.

އިހަވަންދޫގައި އަސާސީ އުމްރާނީ ވަސީލަތްތައް ޤާއިމްކޮށް ތަރައްޤީ ކޮށްދެއްވުމަށް ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާއު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތް ރައްޔިތުން އުފަލާއެކު ބަލައިގަނެއެވެ.

ފަހުގެ ޚަބަރުތައް