އަލަށްދޫކުރެވުނު ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ގޯތި ރަޖިސްޓަރީ ހަވާލުކޮށްފި

އަލަށްދޫކުރެވުނު ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ގޯތި ރަޖިސްޓަރީ ހަވާލުކޮށްފި

31 October 2020

އިހަވަންދޫއިން ބަންޑާރަގޯތި ދޫނުކުރާތާ ގިނަ އަހަރަުތަކަކަށްފަހު، އަދި ބަންޑާރަގޯތި ދޫކުރުމަށް ފުރަތަމަ ކުރެވުނު މަސައްކަތަށް މުއްދަތުގެ ފަހުން އިތުރު ލިޔުންތައް ވައްދާފައިވާތީ ބާތިލުކުރުމަށް ފަހު، 2019 ވަނަ އަހަރު އޮކްޓޫބަރ މަހު 200 ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިއުލާނަށް، 12 މަސް ދުވަސްތެރޭ ހުރިހައި މަސައްކަތެއް ނިންމައި ގޯތި ރަޖިސްޓަރީ ހަވާލުކުރުމުގެ ރަސްމިއްޔާތު 29 އޮކްޓޫބަރ 2020 ވަނަ ދުވަހުގެރޭ، އިހަވަންދޫ ކައުންސިލް އިދާރާގައިވަނީ ބޭއްވިފައެވެ.

"ބިންވެރިކަން - ރަށުން" މި ޝިއާރުގެ ދަށުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ތެރެއިން ކުރިއަށް ގެންދެވުނު ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތުގެ ހުރިހައި މަރުހަލާއެއްވެސް ކުރިއަށް ގެންދެވިފައިވަނީ ހާމަކަންބޮޑު ގޮތެއްގައި ދެފުއްފެންނަ ސިޔާސަތެއްގެ ތެރެއިންނެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި ގެވަޅު ކޮމެޓީގެ މެމްބަރުނާއި، އިދާރީ މުވައްޒަފުންނާއި އަދި އިހަވަންދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާކަން ފާހަގަ ކުރަމެވެ. އަދި ބިން ސާފްކުރުމުގައި އެމް.ޓީ،ސީ.ސީގެ ވަރަށްބޮޑޫ އެހީތެރިކާމައި އެއްބާރުލުމެއް ލިބިގެން ގޮސްފައިވެއެވެ.

އިހަވަންދޫއިން ބަންޑާރަގޯތި ދޫކުރުމަށް މިކުރެވުނު މަސައްކަތަކީ ގޯތިދޫކުރުމުގެ ހުރިހައި މަސައްކަތެއް ކުރު މުއްދަތެއްގެ ތެރޭގައި ނިންމައި ރަޖިސްޓަރީ ހަވާލުކުރެވިގެންދިޔަ މަސައްކަތެވެ. އިހަވަންދޫއަށްވުރެ ކުރިން ބަންޑާރަގޯތި ދޫކުރަން އިއުލާންކުރި ރަށްރަށަށް އަދިވެސް ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލެވިފައެއް ނުވެއެވެ.

ފަހުގެ ޚަބަރުތައް